ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު ކަށިގަނޑު ފުމެ އިހުތިޖާޖުކުރަން ފެށި ބައެއް މެމްބަރުން ތަޅުމުން ނެރެފި

ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު ކަށިގަނޑު ފުމެ އިހުތިޖާޖުކުރަން ފެށި ބައެއް މެމްބަރުން ތަޅުމުން ނެރެފި

Author
އަހުމަދު
05 ފެބްރުއަރީ 2026 09:43
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު، އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖުކުރަން ފެށުމާއެކު އެ މެމްބަރުން މަޖިލިހުގެ ތަޅުމުން ނެރެފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގައި ރައީސް ތަޤުރީރު ކުރައްވަން ފެއްޓެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވަނީ ކަށިގަނޑު ފުމެން ފަށާފައެވެ. މީގެ އިތުރުން، އެކި ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތައް ރައީސަށް ފެންނާނެހެން އަތަށް ނަގައިގެން ތިބެ މެންބަރުން ގެންދެވީ ނުރުހުން ފާޅުކުރަމުންނެވެ. މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަމުން ދިޔަ ނަމަވެސް، ރައީސް މުޢިއްޒު ގެންދެވީ އެކަމަށް މެދުކެނޑުމެއް ނުގެނެސް، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި އިހުތިޖާޖާ ގުޅޭގޮތުން އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނެފައިވަނީ، ވޭތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ވައުދުވެވަޑައިގެންނެވި ގޮތަށް ކަންކަން ތަންފީޒުވެފައި ނުވާކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އިޤްތިޞާދާއި، ޤައުމިއްޔަތާއި، ދީނާއި އަދި ސަޤާފަތް ފަދަ ދާއިރާތަކުން ރައީސް ދައްކަވާފައިވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ބުނެ އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. މިއަދުގެ ޖަލްސާގައިވެސް މައުރޫފް ގެންދަވަނީ ޝުއޫރު ފާޅުކޮށް އިހުތިޖާޖު ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.