ރޯދައިގެ ކުރިން ސަލްމާން މިސްކިތުގެ އޭސީތައް ރަނގަޅުކުރަން އެމްއޭސީއެލް އިން ފަށައިފި

ރޯދައިގެ ކުރިން ސަލްމާން މިސްކިތުގެ އޭސީތައް ރަނގަޅުކުރަން އެމްއޭސީއެލް އިން ފަށައިފި

Author
ޙަސަން މުޙައްމަދު
04 ފެބްރުއަރީ 2026 07:25
0

ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ދާއިމީކޮށް ހައްލުކުރުމުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިސްކިތުގެ ފިނިކުރުމުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ނައްތާލުމަށް އެމްއޭސީއެލްއާ ގުޅިގެން އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިނިސްޓަރުގެ އެންމެ ބޮޑު އަމާޒަކީ މިއަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން މި މަރާމާތުތައް އެއްކޮށް ނިންމާލައި، އާންމުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މާލޭގެ އިރުމަތީ ފަރާތު ކާނިވާ ސަރަހައްދުގައި ބިނާކޮށްފައިވާ މި މިސްކިތުގެ އޭސީތަކަށް މައްސަލަ ޖެހެން މެދުވެރިވަނީ އެ ސަރަހައްދުން އަރާ ލޮނުގެ އާވީގެ އަސަރުކުރާތީ ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރު ވެސް މި މައްސަލައަށް ވަގުތީ ހައްލުތަކެއް ގެނައި ނަމަވެސް، އެކަން ދެމިގެން ގޮސްފައި ނުވާތީ، މިފަހަރު މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ހޯދުމަށެވެ.

ސައުދީ ރަސްގެފާނުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ތުރުކީގެ ޓާމެކްސް ކުންފުނިން އިމާރާތްކުރި މި މިސްކިތުގައި ނަމާދުކުރަން ފެށީ 2022 ވަނަ އަހަރު އެވެ. އެހެންނަމަވެސް، މިސްކިތް ބޭނުންކުރާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ރަސްމީކޮށް މިސްކިތް ހުޅުވާފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.