ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގައި އާންމު ކުރާނެ

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގައި އާންމު ކުރާނެ

Author
އައިޝަތު އަޙްމަދު
04 ފެބްރުއަރީ 2026 06:05
0

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގެ ތެރޭގައި އާންމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. ކުރިއަށް އޮތް އޭޕްރިލް މަހު ބާއްވާ މި އިންތިހާބުގެ ތާވަލު އީސީން މިހާރު ވަނީ އާންމުކޮށްފައެވެ.

އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނެ ތާރީހުތަކަށް ބަލާއިރު، ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ ތިންވަނަ ހަފްތާގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރީ-ރަޖިސްޓްރީވި ފޮށިތަކުގެ މައުލޫމާތު ހާމަކޮށް، އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މާރިޗު މަހުގެ ފުރަތަމަ ހަފްތާގައި އާންމުކުރުމަށްފަހު، އެ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ލިސްޓުގައި މަންދޫބުން ސޮއިކުރުން ކުރިއަށްދާނެއެވެ.

އިންތިހާބުގެ ވޯޓުލުން އޮންނާނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. ވޯޓުލުމަށްފަހު އިންތިހާބުގެ ވަގުތީ ނަތީޖާ އޭޕްރިލް 9 ގައި އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ރަސްމީ ނަތީޖާ އިއުލާންކުރާނީ އޭޕްރިލް 11 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މިފަހަރުގެ އިންތިހާބުގައި ސިޔާސީ 6 ޕާޓީއަކުން ޖުމްލަ 1210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރެއެވެ. އީސީން ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.