އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް މިއަދު ހެނދުނު ދިން ރަހުމުކުޑަ ހަމަލާތަކެއްގައި، ކުޑަކުދިން ހިމެނޭހެން މަދުވެގެން 10 މީހުން ޝަހީދުކޮށްލައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ އުތުރާއި ދެކުނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މިއަދު ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.
މިގޮތުން ޣައްޒާ ސިޓީގެ ތޫފާ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ އާންމުން ދިރިއުޅެމުންދިޔަ ޓެންޓުތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގައި، ތުއްތު އަންހެން ކުއްޖަކާއެކު ޖުމްލަ ހަތަރު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމައެއާއެކު، ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގައި ރައްކާތެރިކަން ހޯދަމުންދިޔަ އާންމުންގެ ޓެންޓުތަކަށް ބޮންއަޅައި ތިން މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާ ސިޓީގެ ޒައިތޫން އަވަށަށް ދިން ހަމަލާއެއްގައި ވެސް ތުއްތު ކުއްޖަކު ހިމެނޭހެން އިތުރު ތިން މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މިއަދުގެ މި ހިތާމަވެރި ހާދިސާތަކުގެ އިތުރުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ އެހެނިހެން ސަރަހައްދުތަކަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ވެސް ގިނަ އަދަދެއްގެ އާންމުން ޒަހަމްވެފައިވާކަން ރިޕޯޓްތަކުން ފާހަގަކުރެއެވެ.
އިސްރާއީލުން "ހަމާސް ނައްތާލުމުގެ" ނަމުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ މި ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ރިޕޯޓްތަކުގައިވާ ގޮތުން މި އަދަދު މިހާރު 71,000 އަށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކޮމެންޓު ފޮނުވާ