އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ތަފްސީލީ ތާވަލު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އިންތިހާބާ ގުޅޭގޮތުން ލަފާދޭ ގައުމީ ކޮމިޓީއާ ހިއްސާކޮށްފައިވާ މި ޓައިމްލައިން ދައްކާގޮތުން، ކުރިއަށް އެންމެ އަވަހަށް އޮންނާނީ ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލުމެވެ. އަދި މި ހިނގާ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން ކުރިއަށްދާނެ ކަމަށާއި، އެއާއެކު ކެމްޕެއިން ކުރުމުގެ ރަސްމީ ހުއްދަ ކެންޑިޑޭޓުންނަށް ލިބިގެންދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. މީގެއިތުރުން، އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ވޯޓާސް ލިސްޓު އާންމުކޮށް، ދެވަނަ ހަފުތާގައި ކެންޑިޑޭޓުންނާއި މަންދޫބުން ލިސްޓުގައި ސޮއިކުރަން ފަށާނެ ކަމަށްވެސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
އިންތިހާބުގެ ތާވަލު އީސީން ހާމަކޮށްފައި މިވަނީ، މުހިންމު ތާރީހުތައް ނޭނގޭތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވަަނިކޮށެވެ. އެ ޕާޓީގެ އިންތިހާބީ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވި ގޮތުގައި، ޓައިމްލައިން ހާމަނުކޮށް ލަސްވުމުގެ ސަބަބުން ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ ސުންގަޑިއެއް ސާފުނުވެ، އެކަމުގެ ނާޖާއިޒު ފައިދާ ސަރުކާރުން ނަގަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ބޮޑެތި ހުށަހެޅުންތައް ހުށަހަޅައިގެން އިދިކޮޅު ބައެއް ކެންޑިޑޭޓުންގެ ނަންތައް އަނބުރާ ގެންދިއުމަށް މަޖުބޫރުކޮށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު އޭނާ ވަނީ ކުރައްވާފައެވެ. މި ފަހަރުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ޕީއެންސީންނެވެ.
ކޮމެންޓު ފޮނުވާ