ލީބިޔާގެ ކުރީގެ ޒައީމް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ ދިރިއުޅުއްވާ ގެކޮޅަށް ހަތިޔާރު އެޅި ބަޔަކު ވަދެގަނެ ދިން ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލައިފިއެވެ. ލީބިޔާގެ ފަވާސިލް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ޓްރިޕޮލީއާ ގާތްގަނޑަކަށް 136 ކިލޯމީޓަރު ދުރުގައި އޮންނަ ޒިންތާންގައެވެ.
މި ހަމަލާއާ ގުޅިގެން ސައިފުލް އިސްލާމްގެ ސިޔާސީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫނު ނިވާކޮށްގެން ތިބި ހަތިޔާރުއެޅި ހަތަރު މީހަކު އޭނާ ދިރިއުޅުއްވާ ގެއަށް ވަދެގަނެ "ފިނޑި" ހަމަލާއެއް ދީފައިވާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ހަމަލާދިން މީހުން ވަނީ އެ ގޭގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާތައް ނިއްވާލައި، ޖަރީމާގެ ހެކިތައް ނައްތާލުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް، އަވަހާރަވުމުގެ ކުރިން ސައިފުލް އިސްލާމް އެ މީހުންނާ ކުރިމަތިލައްވައި ދިފާއުވުމަށް މަސައްކަތްކުރެއްވި ކަމަށް އޭނާގެ ޓީމުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ލީބިޔާގެ ހައި ސްޓޭޓް ކައުންސިލްގެ ކުރީގެ ރައީސް ޚާލިދު އަލް މިޝްރީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވަނީ މި މަރުގެ މައްސަލަ ލަސްނުކޮށް، އަދި ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ސައިފުލް އިސްލާމަކީ 2000 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް، އޭނާގެ ބައްޕާފުޅު މުއައްމަރުލް ގައްޒާފީގެ ފަހަތުން ލީބިޔާގެ ދެވަނައަށް އެންމެ ނުފޫޒުގަދަ ޝަޚްސިއްޔަތުގެ ގޮތުގައި ބެލެވުނު ބޭފުޅާއެވެ. ހުޅަނގުގެ ގައުމުތަކުން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ސައިފުލް، ކުރިން ފާހަގަކުރެވިފައިވަނީ ލީބިޔާގެ ގާނޫނުއަސާސީ އެކުލަވާލުމަށާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރެއްވި "އިސްލާހީ" މޫނެއްގެ ގޮތުގައެވެ.
ނަމަވެސް 2011 ވަނަ އަހަރު ގައްޒާފީގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުތުމުން، ސައިފުލް ވަނީ ސަރުކާރު ދިފާއުކުރައްވައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. ގައްޒާފީގެ ވެރިކަން ވެއްޓި ބައްޕާފުޅު އަވަހާރަކޮށްލުމުން، ނައިޖަރަށް ފިލައިގެން ވަޑައިގަންނަވަން އުޅުއްވަަނިކޮށް ޒިންތާންގެ ހަނގުރާމަވެރިން އޭނާ ހައްޔަރުކުރިއެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ލިބުނު އާންމު މާފެއްގެ ދަށުން މިނިވަންވެވަޑައިގަތުމަށްފަހު، އަވަހާރަވުމާ ހަމައަށް އޭނާ ދިރިއުޅުއްވަމުން ގެންދެވީ ޒިންތާންގައެވެ.
ކޮމެންޓު ފޮނުވާ