މިއަހަރުގެ ރަމަޟާން މަހު އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ ފަރާތްތަކަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ޚާއްޞަ އިންތިޒާމުތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. މި ޚިދުމަތް ހޯދުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ކިއު ނަންބަރު ނެގޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އުމްރާވެރިންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް، ބޭންކު ހުޅުވިފައި ހުންނަ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. މި މުއްދަތުގައި ކޮންމެ އުމްރާވެރިއަކަށް ގިނަވެގެން 500 ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވާއިރު، ކޮންމެ މީހަކަށްވެސް ޖުމްލަ 5 އުމްރާވެރިންނަށް ވާވަރަށް ޑޮލަރު ގަނެވޭނެއެވެ. ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ހަމައެކަނި ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކޮށްގެންނެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރާނީ އުމްރާ ގްރޫޕްތަކުން ބޭންކަށް ހުށަހަޅާފައިވާ ލިސްޓަށް ބަލައިގެންނެވެ. އެހެންކަމުން ޑޮލަރު ގަންނަން ދާއިރު، ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ގެންދަންޖެހޭނެއެވެ. އަދި އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަން ދާނަމަ، އެ ދާ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލުވެސް ހުށަހަޅަން ޖެހޭނެކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، މި ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި މާލެ ސަރަހައްދުގެ މެއިން ބްރާންޗް، އިސްލާމިކް މާލެ ބްރާންޗް، ހުޅުމާލެ އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ. ނަމަވެސް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން އުމްރާވެރިންނަށް ޑޮލަރު ގަތުމުގެ ޚިދުމަތް ލިބެމުންދާނެއެވެ. މީގެ އިތުރުން، އެހެނިހެން އުމްރާވެރިންނަށް ބޭންކުގެ އޮންލައިން ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރު ބުކް ކުރުމަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް ބޭންކުން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ