ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲގެ ސިޔާސީ ނުފޫޒު ގަދަ ލ. ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް، އެމަނިކުފާނުގެ އެއްމާބަނޑު ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފިއެވެ. އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުލްކަރީމް ކުރިމަތިލައްވާއިރު، އެ ގޮނޑިއަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ މިހާރުވެސް ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އަހްމަދު ރިޔާޒެވެ.
ފޮނަދޫ މިސްކިތެއްގެ އިމާމެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަބްދުލްކަރީމް ވިދާޅުވި ގޮތުގައި، އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ނަމަވެސް، އޭނާއަކީ އެއްވެސް އިރެއްގައި ޕީއެންސީގެ މެންބަރެއް ނޫނެވެ. އަދި އިންތިހާބަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވަން ނިންމެވީ، ވަކި އަތަކަށް ނުޖެހި މިނިވަން ބޭފުޅެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގެ މަގުސަދުގައެވެ. ލޯފަން ބޭފުޅެއް ކަމުގައިވާ އަބްދުލްކަރީމް ދެކެވަޑައިގަންނަވާ ގޮތުގައި، ރަށުގެ ހިންގުމާ ހަވާލުވުމަށް އޭނާ ކުރިމަތިލެއްވުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެފަދަ ޒިންމާތައް އަދާކުރެވިދާނެކަން ސާބިތުކޮށްދިނުމަށް ލިބޭ ފުރުސަތެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިކަމަށް ކުރިމަތިލެއްވުމުގެ ހިތްވަރު ލިބިވަޑައިގަތީ ފޮނަދޫ ރައްޔިތުންގެ ފަރާތުން ލިބޭ ލޯބިާއި އިހުތިރާމުގެ ސަބަބުންނެވެ.
އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީއާ ވާދަވެރިކޮށް ކައުންސިލް ރައީސްކަމަށް ނުކުންނެވި މި ދަނޑިވަޅަކީ، ސިޔާސީ މަސްރަހުގައި އަބްދުއްރަހީމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް އަޑުފެތުރިފައިވާ ދުވަސްވަރެކެވެ. ހާއްސަކޮށް އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާ ގުޅިގެން ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވުނު ނަމަވެސް، އަބްދުއްރަހީމް ގެންދަވަނީ ސަރުކާރާ އެކު ހުންނެވި ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ފޮނަދޫ ދާއިރާގެ މެންބަރުކަން ތިންވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމަކީ އެ ރަށުގައި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ ލީޑަރެވެ. އެ ރަށުގައި ޕީއެންސީއަށް ބޮޑު ތާއީދެއް އޮތުމުގެ އަސްލަކީވެސް އެމަނިކުފާނެވެ. އެހެންކަމުން، އެމަނިކުފާނުގެ އަމިއްލަ ކޮއްކޮ ޕާޓީ ޓިކެޓާ ދެކޮޅަށް މިނިވަންކޮށް ވާދަކުރެއްވުމަކީ ފޮނަދޫގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ކަމަކަށް ވެގެންދާނެއެވެ. ނަމަވެސް އަބްދުލްކަރީމް ވިދާޅުވެފައިވަނީ އޭނާގެ މި ނިންމުމަކީ ވަކި މީހަކަށް ނުވަތަ ޕާޓީއަކަށް އަމާޒުކޮށް، އެ ބަޔަކު ހޮވުނަ ނުދިނުމަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ