ތިލަފުށީގައި އެކްސްކެވޭޓަރުން ޖެހި ބިދޭސީއަކު މަރުވި މައްސަލަ: ލަންކާ މީހާގެ ބަންދަށް 7 ދުވަސް

ތިލަފުށީގައި އެކްސްކެވޭޓަރުން ޖެހި ބިދޭސީއަކު މަރުވި މައްސަލަ: ލަންކާ މީހާގެ ބަންދަށް 7 ދުވަސް

Author
އަހުމަދު
02 ފެބްރުއަރީ 2026 11:39
0

ކ. ތިލަފުށީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ސްރީލަންކާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ވަގުތު އެކްސްކެވޭޓަރު އޮޕަރޭޓް ކުރަން އިން އުމުރުން 32 އަހަރުގެ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ އަމީން މިއާ ނަމަކަށް ކިޔާ ބިދޭސީއެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން ދަނިކޮށް މި މަހުގެ 28 ވަނަ ދުވަހުއެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އަމީން މިއާ ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެންނެވެ.

މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ކުނި ޖަމާކޮށްފައިވާ ސައިޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެކްސްކެވޭޓަރުން ކުނި ނެގުމުގެ ތެރޭގައި އޭގެ ދަތްގަނޑުން ޖެހި އޭނާ ވެއްޓުނު ކަމަށާއި، އަދި އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑު މައްޗަށް ކުނިތައް އެޅި ފޮރުވުނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުން، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، އެކްސްކެވޭޓަރު އޮޕަރޭޓްކުރަން އިން މީހާ މެދުކެނޑުމެއްނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މަރުގެ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.