ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މޯލްޑިވްސް ޒަކާތު ހައުސްއިން "ފިތުރު ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަރުދަނާކޮށް، އެއް އުސޫލަކުން އެކަން ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި އައު ޕޯޓަލްގެ ޒަރީއާއިން ރަށު ކައުންސިލްތަކާއި ޒަކާތު ހައުސް ގުޅިގެން، ނަގުދު ފައިސާއިން ކުރެވޭ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ވަގުތަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ލިބޭ ފައިސާއާއި، ނަގުދު ފައިސާގެ ގޮތުގައި ލިބޭ ފިތުރު ޒަކާތުގެ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކުވެސް ސައްޙަކަމާއެކު ބެލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި ޕޯޓަލް ތަޢާރަފުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ވަގުތު ފާއިތުވުމުގެ ކުރިން، ޒަކާތް ލިބުން ޙައްޤުވާ ފަޤީރުންނާއި މިސްކީނުންނަށް އެ ފައިސާ ފޯރުކޮށްދިނުމެވެ. ހުރިހާ މަޢުލޫމާތެއް އެއް ވިއުގައަކުން ވަގުތުން ފެންނަން ހުރުމުން، ރަމަޟާން މަސް ނިމޭތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަދި ހަމަހަމަކަމާއެކު މުޅި ރާއްޖޭގައި ޒަކާތް ބެހުމުގެ ކަންކަން މިއަހަރު މާބޮޑަށްވެސް އަވަސްވެގެންދާނެ ކަމަށް ޒަކާތު ހައުސްއިން ޤަބޫލުކުރެއެވެ.
ފިތުރު ޕޯޓަލް ވުޖޫދަށް އައުމަކީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޒަކާތުގެ ޚިދުމަތް ލިބިގަތުމަށާއި، ޒަކާތުގެ ނިޒާމު އިތުރަށް ދެފުށް ފެންނަ ގޮތަކަށް ބައްޓަންކުރުމަށް ޒަކާތު ހައުސްއިން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމުގައި އެ އިދާރާއިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ