ނިމިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 1000 އިން މައްޗަށް އަރާފައިވާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކާއި ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު ޖުމްލަ 1024 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓްގެ 287 މައްސަލަ ހުށަހަޅާފައިވާއިރު، ވައްކަމުގެ 286 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން މުޖުތަމަޢުގައި ބޮޑު ކަންބޮޑުވުމެއް އޮތް މަސްތުވާތަކެއްޗާ ގުޅޭ 156 މައްސަލައެއް ވެސް މި މުއްދަތުގައި ހުށަހަޅާފައިވެއެވެ.
މިދިޔަ މަހު ހުށަހެޅިފައިވާ އެހެނިހެން މައްސަލަތަކަށް ބަލާއިރު، އެއްޗެހި ގެއްލިގެން ހުށަހެޅި 107 މައްސަލައާއި، އަނިޔާކުރުމުގެ 52 މައްސަލަ އަދި މުދަލަށް ގެއްލުން ދިނުމުގެ 51 މައްސަލަ ހިމެނެއެވެ. ހަމައެއާއެކު ގެވެށި އަނިޔާގެ 35 މައްސަލައާއި، މަކަރާއި ހީލަތް ހެދުމުގެ 18 މައްސަލައިގެ އިތުރުން ފޭރުމުގެ 13 މައްސަލައާއި ޖިންސީ ގޯނާގެ 11 މައްސަލަ އަދި ފޯޖް ކުރުމުގެ 8 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ވައްކަމުގެ މައްސަލަތައް ވަނީ ދަށަށް ގޮސްފައެވެ. ޑިސެމްބަރު މަހު ވައްކަމުގެ 319 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެކްސިޑެންޓްގެ މައްސަލަތައް ޑިސެމްބަރު މަހު ރިޕޯޓްކުރި 271 މައްސަލައާ އަޅާބަލާއިރު ޖެނުއަރީ މަހު މިވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން އާންމުކޮށް ފެންނަ ގޮތުގައި ކޮންމެ މަހަކުވެސް އެންމެ ގިނައިން ރިޕޯޓްކުރަނީ ވައްކަމާއި، އެކްސިޑެންޓް އަދި މަސްތުވާތަކެތީގެ މައްސަލަތަކެވެ.
ކޮމެންޓު ފޮނުވާ