މި ޒަމާނުގައި ލިޔަންކިޔަން އެނގޭ މީހެއްކަމުގައި ބެލެވޭނީ ހަމައެކަނި އަކުރުތަކެއް ކިޔަން އެނގުމުން ނޫން ކަމަށާއި، "ޑިޖިޓަލް ލިޓްރަސީ" ނުވަތަ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައި ނުވާނަމަ އެއީ ލިޔަންކިޔަން ނޭނގޭ މީހެއް ފަދަ މީހެއްކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖުޑީޝަލް ކޮންފަރެންސް ފެށުމުގެ ގޮތުން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ޒަމާނެއްގައިވެސް ގާބިލު ފަންނުވެރި މީހަކަށް ވުމަށް ބޭނުންވަނީ އެ ޒަމާނަކާ ގުޅޭ ހުނަރުތަކެވެ. އެގޮތުން 21 ވަނަ ގަރުނުގައި އެންމެ މުހިންމު ހުނަރަކީ ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތުގެ ވަސީލަތްތައް ބޭނުންކުރަން ދަތުމެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވެފައިވާ ވާހަކަފުޅަކަށް އިޝާރާތް ކުރައްވާފައެވެ. ކުރީގައި ލިޔަންކިޔަން ދަތުމުގެ މިންގަނޑަކީ މާދަރީ ބަހުން ލިޔަންކިޔަން އެނގުމާއި ހިސާބު އިލްމުގެ އަސާސީ މިންވަރު އެނގުން ކަމުގައި ވިޔަސް، މިހާރު އެ ތިން ހުނަރުގެ އިތުރަށް ހަތަރުވަނަ ހުނަރެއްގެ ގޮތުގައި "ޑިޖިޓަލް ލިޓްރަސީ" ނުވަތަ ޓެކްނޮލޮޖީއަށް އަހުލުވެރިވުން ހިމެނިފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ޝަރުއީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި އަހަރުގެ ކޮންފަރެންސްގެ ފުރަތަމަ ދުވަސް ޚާއްސަކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އާއި ޓެކްނޮލޮޖީގެ އެހީގައި ދާއިރާއަށް ގެނެވިދާނެ ކުރިއެރުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރު އިންޒާރު ދެއްވި ގޮތުގައި، ޓެކްނޮލޮޖީއަށް މަރުހަބާ ނުކިޔައި ތިބެވޭކަށް ނެތެވެ. އަދި މިހާރުން މިހާރަށް ޓެކްނޮލޮޖީއާ އެކު ދުވެލި ބާރު ނުކޮށްފިނަމަ، ޓެކްނޮލޮޖީން އަމިއްލައަށް އިންސާނުން "އަންއިންސްޓޯލް" ކޮށް، ޒަމާނާ ބީރައްޓެހި ބަޔަކަށް ހަދާފާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން "އޭއައި ލިޓްރަސީ" އުނގެނި، ހިތްވަރާއި ފަންވަރާއެކު މިކަމާ ކުރިމަތިލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ރޮނގުން ކާމިޔާބު ހޯދާފައިވާ ގައުމުތަކުގެ މިސާލު ދައްކަވަމުން، އިންޑިއާގެ ސުޕްރީމް ކޯޓުން އޭއައި ތައާރަފުކުރުމާ އެކު، މައްސަލަތައް ނިންމާ ރޭޓް 100 ޕަސެންޓް އިތުރުވެފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި މި ކޮންފަރެންސްގައި އިންޑިއާގެ ޖުޑިޝަލް އެކަޑަމީގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން އެ ގައުމުގެ ތަޖުރިބާތައް ހިއްސާކުރައްވާނެ ކަމަށާއި، ކުޑަ ހިތްވަރެއް ލައިގެން މަސައްކަތްކޮށްފިނަމަ ރާއްޖޭގެ ޝަރުއީ ދާއިރާއިން ވެސް އެފަދަ ކާމިޔާބު ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުއްމީދު އެމަނިކުފާނު ވަނީ އާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ