ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ތަޢާރަފްކޮށް، ފުރަތަމަ 5،000 ކަސްޓަމަރުންނަށް ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ތަޢާރަފްކޮށް، ފުރަތަމަ 5،000 ކަސްޓަމަރުންނަށް ފުރުޞަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
31 ޖެނުއަރީ 2026 03:00
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އައު ޑިޖިޓަލް ވޮލެޓް، 'ސްވައިޕް' ގެ ލިމިޓެޑް ރިލީޒްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިއީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ މި ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނީ އޮންލައިންކޮށް ރަޖިސްޓްރީވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ. ރަޖިސްޓްރީވުމާއެކު ކަސްޓަމަރުންނަށް ސްވައިޕްގެ ޒަމާނީ ގިނަ ފީޗާތަކެއް ބޭނުންކުރެވޭނެއެވެ. އޭގެ ތެރޭގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމާއި (ޕާސަން-ޓު-ޕާސަން ޓްރާންސްފަރ)، ކިއުއާރް ކޯޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ އިތުރުން، ޚަރަދުކުރާ ގޮތުގެ ތަފާސްހިސާބު ބަލާލެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ޕޭމަންޓް ލިންކް ފޮނުވައިގެން ފަސޭހަކަމާއެކު ވޮލެޓް ޓޮޕްއަޕް ކުރުމާއި، ވޮލެޓްގައި ހުންނަ ފައިސާ އަނބުރާ ބީއެމްއެލް އެކައުންޓަށް ފޮނުވާލެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ މި އެޕްލިކޭޝަން ޓޮޕްއަޕް ކުރުމަށް ބީއެމްއެލްގެ އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި ބައިނަލްއަގުވާމީ ޕޭމަންޓް މިންގަނޑުތަކާ އެއްގޮތަށް، ރައްކާތެރިކަން ކަށަވަރު ކުރެވޭ ގޮތަށް ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.