ސިނާއީ މަސައްކަތުގެ މައި ހަބް، ތިލަފުށީގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ސިނާއީ މަސައްކަތުގެ މައި ހަބް، ތިލަފުށީގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

Author
ހުސައިން
30 ޖެނުއަރީ 2026 11:00
0

ރާއްޖޭގެ ސިނާއީ މަސައްކަތްތަކުގެ މައި މަރުކަޒު ކަމުގައިވާ ކ. ތިލަފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅި މުހިންމު ފިޔަވަޅެކެވެ. ތިލަފުށީގައި މި ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުން އަންނައިރު، އޭޓީއެމްގެ ވިއުގަ ފުޅާކުރުމަކީ ބޭންކުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ތިލަފުށީގައި ގާއިމުކުރެވުނު މި އޭޓީއެމް ރަމްޒުކޮށްދެނީ ވިޔަފާރި މުޖުތަމައުތަކަށް ބޭންކިންގ ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއިން ހާމަކުރާ ގޮތުގައި، މި އަހަރުގެ ތެރޭގައި އެ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ސެލްފް ސާވިސް ބޭންކިންގ ސެންޓަރުތަކާއި ބްރާންޗުތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 70 އަށްވުރެ ގިނަ ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ބޭންކުން ބުނެއެވެ. ތިލަފުށީގައި އަލަށް ހުޅުވުނު ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް، އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ނެގުމުގެ އިތުރުން ބޭންކިންގ އެހެނިހެން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.