ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ރޮށި ފިހާ ތަނަކާއި ފިހާރައެއް ބަންދުކޮށް، 15 ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ރޮށި ފިހާ ތަނަކާއި ފިހާރައެއް ބަންދުކޮށް، 15 ބިދޭސީއަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
29 ޖެނުއަރީ 2026 12:13
0

ގަވާއިދާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހަމުންދިޔަ ތަނަކާއި، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ފިހާރައެއް ބަންދުކޮށް، އެތަންތަނުގައި މަސައްކަތްކުރަމުންދިޔަ 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި ޖޮއިންޓް އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅެމުންދިޔަ ދެ ތަނެއް ބަލައި ފާސްކޮށްފައިވާއިރު، ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އެ ދެ ތަން ބަންދުކޮށްފައެވެ.

މި އޮޕަރޭޝަންގައި ބަލައި ފާސްކުރި އެއް ތަނަކީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި، ވިޔަފާރި އުސޫލުން ފުޅާ ދާއިރާއެއްގައި ރޮށި ފިހެ ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ތަނެކެވެ. މީގެ އިތުރުން ދެވަނައަށް ބަލައި ފާސްކުރި ތަނަކީވެސް ހުއްދަ ނެތި، ގަވާއިދާ ހިލާފަށް އާންމު މުދާ ވިއްކައި ވިޔަފާރި ހިންގަމުންދިޔަ ފިހާރައެއްކަން ފާހަގަކުރެވިފައިވެއެވެ.

މި ދެ އިންސްޕެކްޝަނަށްފަހު، އެތަންތަނުގައި ތިބި ބިދޭސީންގެ ތެރެއިން ޖުމްލަ 15 ބިދޭސީ ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ސިލްސިލާކޮށް މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.