ސިނާއީ މަސައްކަތްތައް ކުރުމަށް ޚާއްޞަ ކ. ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އެމީހާ ގެއްލިގެން ހޯދަމުން ދިޔައީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.
އިތުބާރުހުރި ފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަމީން މިއާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހިގެން ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެކްސްކަވޭޓަރުން އަމީން މިއާގެ ގައިގައި ޖެހޭ މަންޒަރު އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖަކުން ފެންނަން ހުރިކަމަށްވެސް ވެއެވެ.
މި މަރުގެ މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވެނީ އެވަގުތު އެކްސްކަވޭޓަރު އޮޕަރޭޓް ކުރަން އިން ސްރީލަންކާ ޑްރައިވަރަކަށެވެ. މަރުވި އަމީން މިއާ އާއި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ލަންކާ ޑްރައިވަރަކީ ވެސް ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓެއްގައި މަސައްކަތްކުރާ ދެ މީހުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ