ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު، އެ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތި ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ނިންމައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ގައި ސޯޝަލް ސެންޓަރުގައެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ޖެހުނީ ކުރިން ހަދާފައިވާ ޕްލޭންގައި 610 ގޯތި މަދުވާތީއެވެ. މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށްފައިވާ އައު ޕްލޭނާއެކު އެ ފަޅުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކުރިން ކަނޑައެޅިފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އައިސް، އައު ލޮޓް ނަންބަރުތަކެއް ވަނީ ކަނޑައަޅާފައެވެ. އައު ޕްލޭންގެ ދަށުން ދޫކުރާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި 1250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯއްޗާއި، 2050 އަކަފޫޓުގެ 254 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ އެއް ގޯތި ހިމެނެއެވެ.
ގުރުއަތުލުމުގެ އިންތިޒާމުތައް މިނިސްޓްރީގެ މުވައްޒަފުން ކުރިއަށް ގެންދާއިރު، ގުރުއަތުލާ ސަރަހައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް ވެސް އެއް ފަރާތަކަށެވެ. ގޯތީގެ ވެރިފަރާތަށް ހާޒިރުވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑު ކޮޕީގެ އިތުރުން، އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.
މި ހަރަކާތް ޕީއެސްއެމް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާއިރު، ގުރުއަތުލުން ކުރިއަށްދާ ވަގުތު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހޭ ޕްލޮޓް "ހިޔާވެހި" ޕޯޓަލްއިން ވަގުތުން ފެންނަން ހުންނާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ގުރުއަތު ނިމުމުން ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ކޮމެންޓު ފޮނުވާ