ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މަނީ ލޯންޑްރިންގެ އަމަލެއް ހިންެގިކަން ސާބިތުވެ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
ބައްސާމްގެ މައްޗަށް މި ހުކުމް އައިސްފައިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އިދާރާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން ޖަމާކޮށްފައިވާ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައެވެ. މިގޮތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި އެ އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. މި ކުށާ ގުޅިގެން ޖަލަށް ލުމުގެ އިތުރުން 154،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށްވެސް ދަށު ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިއީ ބައްސާމްގެ މައްޗަށް އިއްވާފައިވާ ހަތަރު ހުކުމުގެ ތެރެއިން ދެވަނަ ހުކުމެވެ. އެކި މައްސަލަތަކުގައި ކުށް ސާބިތުވެ، ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވާއިރު، މީގެ ކުރިން ޚިޔާނާތުގެ ކުށް ސާބިތުވެ އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމްވެސް އޭނާ ވަނީ އިސްތިއުނާފުކޮށްފައެވެ. ބައްސާމްގެ މައްޗަށް އުފުލިފައިވާ ދައުވާތަކާއި ގުޅިގެން އިއްވާފައިވާ ހުކުމްތައް މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް އޭނާގެ ފަރާތުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ