އިންޑިއާގެ މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ދަތުރުކުރެއްވި ޕްރައިވެޓް ޖެޓެއް ވެއްޓި، އޭނާއާއެކު އެ ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. ބުދަ ދުވަހުގެ ހެނދުނު ހިނގި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ޕޫނޭ ޑިސްޓްރިކްޓްގެ ބާރާމަތީ ސަރަހައްދަށް ބޯޓު ޖައްސަން މަސައްކަތްކުރުމުގެ ތެރޭގައެވެ. ވީ.އެސް.އާރު ކުންފުނިން އޮޕަރޭޓްކުރާ ލިއަރޖެޓް 45 މަރުކާގެ މި ބޯޓު ވެއްޓުނުއިރު، ބޯޓުގައި ޖުމްލަ ފަސް މީހުން ތިބި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ޑެޕިއުޓީ ސީއެމް އަޖިތު ޕަވާރުގެ އިތުރުން އޭނާގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރަކާއި އެޓެންޑެންޓެއް އަދި ބޯޓުގެ ޕައިލެޓާއި ކޯ-ޕައިލެޓް ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވެންދުރަ ފަދުނަވިސް ވަނީ ފުން ހިތާމަ ފާޅުކުރައްވާފައެވެ. އަޖިތު ޕަވާރަކީ ސިޔާސީ ގޮތުންނާއި އަމިއްލަ ގޮތުން ވެސް ވަރަށް ގާތް ބޭފުޅެއްކަން ފާހަގަކުރައްވައި ފަދުނަވިސް ވިދާޅުވީ، މިއީ މުޅި ސްޓޭޓަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކާ އެކުގައި ކުރިމަތިލެއްވި ވަރުގަދަ ލީޑަރެއް ގެއްލިގެން ދިއުމުގެ ހިތާމައިގައި، މުޅި ސްޓޭޓްގައި ތިން ދުވަހުގެ މުއްދަތަށް ރަސްމީ ހިތާމަ ފާޅުކުރުން އިއުލާންކޮށްފައިވާ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވިއެވެ.
އަޖިތު ޕަވާރު އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ސިޔާސީ މަސްރަހުގެ އެންމެ މަތީ ފަންތީގެ ލީޑަރުން ދަނީ ތައުޒިޔާ ރައްދުކުރައްވަމުންނެވެ. މިގޮތުން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ހޯމް މިނިސްޓަރު އަމިތު ޝާހް އަދި ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވަނީ އާއިލާއަށާއި ސަޕޯޓަރުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. މީގެއިތުރުން އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރުން ކަމަށްވާ ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީ ވަދްރާ އަދި އެހެނިހެން ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުން ކަމަށްވާ ޗަންދުރަބާބޫ ނައިޑޫ އާއި ޔޯގީ އަދިތުޔަނާތު ފަދަ ބޭފުޅުން ވެސް ވަނީ މި ހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ