އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ފޯމު މެނުއަލްކޮށް ބަލައިގަތުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. ސިޔާސީ ޕާޓީތަކުން މެނުއަލްކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދުނު ނަމަވެސް، ކޮމިޝަނުން މިގޮތަށް ނިންމީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން ފަސޭހަވެ، ކެންޑިޑޭޓުންނަށް އެކަމުގެ ލުއިފަސޭހަކަން ލިބެމުންދާތީއެވެ.
އީސީގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 2،200 އަށްވުރެ ގިނަ ފޯމު ލިބިފައިވާއިރު، ފޯމު ހުށަހެޅުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާއެއް އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ. އޮންލައިން ނިޒާމުގެ ސަބަބުން ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރުމަށާއި، ފޯމުތަކަށް ޖަވާބު ދިނުމަށް އަވަސްވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބަށް ހުޅުވާލުމުގެ ކުރިން، ޖެނުއަރީ 7 އިން ފެށިގެން ޕޯޓަލްއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ގިނަ ބަޔަކަށް ލިބުނު ލުޔެއްކަމަށް ޞަލާހު ވިދާޅުވިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކަށް ޖުމްލަ 2،254 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތައް ހިމެނޭއިރު، ޝަރުތު ހަމަނުވާ ފޯމުތައް އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތުވެސް ދަނީ ލިބެމުންނެވެ. އީސީގެ އަމާޒަކީ ވޯޓުލުން ފިޔަވައި އެހެން ހުރިހާ ޚިދުމަތެއް ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް ބަދަލުކުރުމެވެ.
ކޮމެންޓު ފޮނުވާ