"އޮޕަރޭޝަން އަލިމަގު": ހުޅުމާލެއިން ބައި ކިލޯގެ ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި

"އޮޕަރޭޝަން އަލިމަގު": ހުޅުމާލެއިން ބައި ކިލޯގެ ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި

Author
އައިޝަތު އަޙްމަދު
28 ޖެނުއަރީ 2026 10:48
0

މުޖުތަމަޢު ކުށުގެ ވެށިން ސަލާމަތްކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތް، "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ އިބްރާހީމް ޢަމްރު ތައުފީގެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ ސިފްކޯހިޔާ 0801 ބީ އަށް ނިސްބަތްވާ މި ޒުވާނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 500 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަމްރު ތައުފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުން އަތުލައިގަތުމަށް އަމާޒުކޮށްގެން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިހާތަނަށް 100 އެއްހައި މީހުން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އެންމެ ފަހުގެ ތަފްސީލީ މައުލޫމާތު ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.