މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަން އިއުލާނުކުރި ޏ. ފުވައްމުލަކު މީހާ، ތިލަފުށީގައި ހުރިކަމަށް ފުލުހުންނަށް އަންގައިފިއެވެ.
ފުލުހުން އިއްޔެ އާންމުންގެ އެހީތެރިކަމަށް އެދި ހޯދަން އިއުލާނުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ދުންފިނިގެ، އުމުރުން 64 އަހަރުގެ ޢަބްދުލްޢަޒީޒު މުޙައްމަދު އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އާންމުކޮށް މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތްކުރާ ޢަބްދުލްޢަޒީޒުގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ފޯނުންނެވެ. އަދި އޭގެ ފަހުން، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗް ކައިރިން އޭނާ ފެނިފައިވާކަމަށް އާއިލާގެ މީހަކު މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާ ހޯދުމަށް ފުލުހުން އިއްޔެ އިއުލާނުކޮށްފައި ވަަނިކޮށް، މިއަދު ފުލުހުން ބުނެފައިވަނީ ޢަބްދުލްޢަޒީޒު އަމިއްލައަށް އޭނާގެ އާއިލާއަށާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ގުޅާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި، މިވަގުތު ހުރީ ތިލަފުށީގައިކަމަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މިފަދައިން ގެއްލިގެން ފުލުހުން އިއުލާނުކުރާ މީހުން، އިއުލާނު ކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުމަކީ ނުވަތަ ޚަބަރުވުމަކީ ރާއްޖޭގައި އާންމުކޮށް ހިނގާ ކަމެކެވެ.
ކޮމެންޓު ފޮނުވާ