އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނައި، 2027 ގައި އިމްތިހާނު ދޭން ނިންމައިފި

އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނައި، 2027 ގައި އިމްތިހާނު ދޭން ނިންމައިފި

Author
ހުސެއިން
27 ޖެނުއަރީ 2026 07:11
0

ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުން ހަދާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ހިމެނުމަށް ސަރުކާރުން ކަނޑައަޅައި، އެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ދެއްވި ޚިޠާބުގައި މިކަން ހާމަކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނުގެ ޢިލްމަށް ލޯބި ޖައްސުވައި، އެ ޢިލްމު އުނގެނުމަށް ދަރިވަރުން ޝައުޤުވެރިކުރުވުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ އެސްއެސްސީ އިމްތިހާނުގައި ޤުރުއާން ހިމެނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޕައިލެޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ރަސްމީކޮށް ހިމަނައި، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ މަންހަޖަށް ގެންނަ މި މުހިންމު ބަދަލުގެ އިތުރުން، މި ފެށުނު ދިރާސީ އަހަރު އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚުލާޤީ ސިފަތައް އަށަގެންނެވުމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުން ނުކުންނަ ކޮންމެ ދަރިވަރަކީވެސް ރިވެތި އާދަތަކާއި ސިފަތަކުން ޖަރީވެފައިވާ، އަދި އެކަކު އަނެކަކަށް އިޙުތިރާމްކުރާ ކުއްޖަކަށް ހެދުމަށްޓަކައި، މިއަހަރުގެ ތެރޭގައި ޚާއްޞަ ތަރުބަވީ ޕްރޮގްރާމެއް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ހަމައެއާއެކު، ޒަމާނީ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކަށް ރިޢާޔަތްކޮށް، ވަޒީރު ވަނީ މަސައްކަތުގެ މާހައުލުގައި އާޓިފިޝިއަލް އިންޓެލިޖެންސް (އޭއައި) ގެ ދައުރު ފުޅާވަމުންދާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މުދައްރިސުން އޭއައިއަށް އަހުލުވެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރު ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުދައްރިސުންނަށް އިލްތިމާސްކުރައްވަމުން ވަޒީރު ވިދާޅުވީ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު ބިނާވެގެންވަނީ މުދައްރިސުންގެ ޢިލްމީ ޤާބިލިއްޔަތާއި ހުނަރުގެ މައްޗަށް ކަމަށާއި، ދަރިވަރުންނަށް ފެންނަ ނަމޫނާއަކީ މުދައްރިސުން ކަމަށެވެ. އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީއާއެކު އުނގަންނައިދިނުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހުރިހާ މުދައްރިސުންނަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.