އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި މިހާތަނަށް 2،400 އަށްވުރެ ގިނަ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ހިސާބުން ފެށިގެން މި ހިނގާ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2،476 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބަށް ހުށަހަޅާފައިވަނީ 1،409 ފޯމެވެ. އީސީން ވަނީ އޭގެ ތެރެއިން 1،040 ކެންޑިޑޭޓުންގެ ފޯމު ބަލައިގެންފައެވެ. ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރާ ފަރާތްތަކުގެ 852 ފޯމާއި، އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުގެ 188 ފޯމު ވަނީ ގަބޫލުކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ 236 ފޯމެއް ބަލައިގެންފައި ނުވާއިރު، އިސްލާހު ކުރުމަށްފަހު އަލުން 133 ފޯމު ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ބަލާއިރު، ޖުމްލަ 1،064 ފޯމު ލިބިފައިވާއިރު، ކޮމިޝަނުން ގަބޫލުކޮށްފައިވަނީ 817 ފޯމެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ހުށަހެޅި 692 ފޯމާއި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި 125 ފޯމެވެ. މި އިންތިހާބަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 161 ފޯމު ރިޖެކްޓް ކުރެވުނު ނަމަވެސް، އަލުން 86 ފޯމު ވަނީ ހުށަހަޅާފައެވެ.
އިންތިހާބަށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެ އަނބުރާ ފޮނުވާލަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތަފްސީލު ވެސް އީސީން ވަނީ ދީފައެވެ. އޭގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި، ސާބިތު ދަރަންޏެއް ނުވަތަ ކުށެއް އޮތްނަމަ އެކަމުގެ ތަފްސީލު ހާމަނުކުރުން ހިމެނެއެވެ. އަދި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ސާފުކުރަންޖެހޭ ކުށުގެ ރެކޯޑު ހުށަހަޅާފައި ނެތުމަކީ ވެސް ކެންޑިޑެސީ ގަބޫލު ނުކުރެވުނު ސަބަބެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ