މި ސަރުކާރުން ބިނާކުރި ފުރަތަމަ ސްކޫލް، "ޝަހީދު ޢަލީ ސްކޫލް" ރައީސް ހުޅުވައިދެއްވައިފި

މި ސަރުކާރުން ބިނާކުރި ފުރަތަމަ ސްކޫލް، "ޝަހީދު ޢަލީ ސްކޫލް" ރައީސް ހުޅުވައިދެއްވައިފި

Author
އަހުމަދު
27 ޖެނުއަރީ 2026 09:43
0

މި ސަރުކާރުން ތަރައްޤީކޮށް ހުޅުވި ފުރަތަމަ ސްކޫލް ކަމުގައިވާ "ޝަހީދު ޢަލީ ސްކޫލް" ރަސްމީކޮށް ހުޅުވައި، ކިޔަވައިދޭން ފަށައިފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ މި ޒަމާނީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށް ހުޅުވި ދާއިމީ ދެވަނަ ސްކޫލެވެ.

މި ސްކޫލް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއިރު، މި ރަސްމިއްޔާތުގައި ސްކޫލްގެ ލޯގޯ ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް ވެސް މި ރަސްމިއްޔާތުގައި އަރުވާފައިވެއެވެ. އާރްސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސް ޑރ. މުޢިއްޒު ފަށްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އެހެންކަމުން މިއީ އެމަނިކުފާނު ބިންގާ އެޅުއްވުމަށްފަހު، އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވުނު ސްކޫލެއްކަން ފާހަގަކޮށްލެވެއެވެ.

ގްރޭޑް 1 އިން 10 އަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ޝަހީދު ޢަލީ ސްކޫލަކީ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަކޮށްފައިވާ ސްކޫލެކެވެ. މި ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް ހިމެނޭއިރު، އެއް ދަންފަޅިއަށް 1،500 ކުދިންނަށް އަދި ދެ ދަންފަޅިއަށް ބަހާލައިގެންނަމަ 2،500 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް މި ސްކޫލުގައި ޤާއިމުކޮށްފައިވެއެވެ. އޭގެ ތެރޭގައި 400 ކުދިންގެ ޖާގައިގެ އޮޑިޓޯރިއަމަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ލައިބްރަރީއަކާއި ކޮމްޕިއުޓަރު ލެބެއް އަދި 3 ސައިންސް ލެބް ހިމެނެއެވެ. މީގެއިތުރުން ކުޅިވަރުގެ ދާއިރާއަށް ޚާއްޞަކޮށްގެން ޓާފް ދަނޑަކާއި، އިންޑޯ ހޯލެއްގެ އިތުރުން ސްކޫލްގެ ބޭރުގައިވެސް ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވުމީ މި ސްކޫލުގެ ފާހަގަކޮށްލެވޭ ސިފަތަކެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީގެ ކުރިން ހުޅުވާފައިވަނީ ޞަލާޙުއްދީން ސްކޫލް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.