ބޮޑު ޗުއްޓީގެ ދިގު ބަންދަކަށްފަހު، އެތައް އަހަރެއް ފަހުން ޖެނުއަރީ މަހުގައި ފެށޭ ދިރާސީ އާ އަހަރަށް މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ފުރިހަމައަށް ތައްޔާރުވެފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މާދަމާ ހެނދުނު ސްކޫލްތަކުގެ ކިޔެވުން ރަސްމީކޮށް ފެށިގެންދާއިރު، މިއީ ތަޢުލީމީ ދާއިރާއަށް ބޮޑު ބަދަލެއް އަންނަ އަހަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ، ދިރާސީ އާ އަހަރު ފެށުމަށްޓަކައި އެ ވުޒާރާއާއި ސްކޫލްތައް ގުޅިގެން ވާންޖެހޭ ތައްޔާރީތައް ނިމިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ދަރިވަރުންގެ އުނގެނުމުގެ ކަންކަމަށް އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެހެން، ސްކޫލް މާހައުލުގައި ކުރަންޖެހޭ މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ. މާދަމާ ކިޔެވުން ފަށާއިރު، ސަރުކާރުގެ 218 ސްކޫލެއްގައި ޖުމްލަ 77،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލުކުރަން ފަށާނެއެވެ.
މި ފެށޭ ދިރާސީ އަހަރަކީ ގިނަ ޢަދަދެއްގެ ކުދިން އަލަށް ތަޢުލީމީ ޙަޔާތް ފަށާ އަހަރެކެވެ. ތަޢުލީމީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ގްރޭޑް 1 އަށް މުޅި ރާއްޖެއިން 4،790 ދަރިވަރުން ވަނީ އަލަށް ވައްދާފައެވެ. މީގެ ތެރެއިން 3،042 ދަރިވަރުންނަކީ އަތޮޅުތެރޭގެ ސްކޫލްތަކަށް ވަތް ކުދިންނަށް ވާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް ވަދެފައިވަނީ 1،748 ދަރިވަރުންނެވެ.
މީގެއިތުރުން ދަރިވަރުން ސްކޫލް ބަދަލުކުރުމުގެ ކަންކަމަށް ބަލާއިރު، ހިޖުރަކުރުމުގެ އޮއިވަރު އަދިވެސް ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން މި އަހަރު އަތޮޅުތެރެއިން މާލޭގެ ސްކޫލްތަކަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ވެސް 836 ދަރިވަރުން ބަދަލުވެފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ