މީހެއްގެ މީސްމީޑިއާ އެކައުންޓުތައް ހެކުކޮށް، އެމީހާ ހިއްސާވާ ކުންފުންޏެއްގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން 10 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ވަގަށް ނަގާފައިވަނީ 279،000 އަށްވުރެ ގިނަ ރުފިޔާއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުންގެ ގޭންގު ކްރައިމް އިންވެސްޓިގޭޝަނާއި، ކ. ހިންމަފުށި އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ހިންމަފުށިން އެކަކު އަދި އައްޑޫ ސިޓީން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ބާކީ ތިބި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ލ. އިސްދޫ / ގުޑްލައިފް، މުޙައްމަދު ޙަސަން (59އ) އާއި، އައްޑޫ ހިތަދޫ / އުދަ، އަލީ ޢިރުފާނު އަޙްމަދުދީދީ (26އ) އާއި، އައްޑޫ ހިތަދޫ / ނަންރީތިގެ، ޢަލީ ޝިރާޒު (38އ) އާއި، ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛް (39އ) އާއި، ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) އާއި، މ. މާލޭގެއާގެ / މާލެ، މުޙައްމަދު ނުހާދު ޢަލީ (30އ) އާއި، ހއ. ކެލާ / ޕެނަމާ، މުޙައްމަދު ސިމާދު (38އ) ގެ އިތުރުން ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ) އާއި، ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އަދި ކ. ހިންމަފުށި / މެޑޯޒް، މުޙައްމަދު އިބްރާހީމް (49އ) އެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މީހުންގެ ތެރެއިން ހަ މީހެއްގެ އެކައުންޓަށް ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ ޖަމާކޮށް، އެ ފައިސާ ނަގާފައިވެއެވެ. އަދި އޭގެ ތެރެއިން އެކަކު، ވަގަށް ނެގި ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް މުދާ ގަނެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން، ހައްޔަރުކުރެވުނު އަނެއް ތިން މީހުންނަކީ އެކި މީހުން ގޮވައިގެން އޭޓީއެމްތަކަށް ގޮސް، އެމީހުން މެދުވެރިކޮށް ފައިސާ ނެގުމަށްފަހު އެ ފައިސާއާ ހަވާލުވެފައިވާ މީހުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އިބްރާހީމް 5 ދުވަހަށް، މުޙައްމަދު ޢަލީއާއި މުޙައްމަދު ޙަސަން 7 ދުވަހަށް، އަދި ޢަލީ ޢިރުފާން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ބާކީ ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ