38 އަހަރަށްފަހު އުސޫލު ބަދަލުކޮށް، ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ބަނދަރަށް ވަދެވޭގޮތް ހަދައިފި

38 އަހަރަށްފަހު އުސޫލު ބަދަލުކޮށް، ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ބަނދަރަށް ވަދެވޭގޮތް ހަދައިފި

Author
ޙަސަން މުޙައްމަދު
26 ޖެނުއަރީ 2026 10:08
0

ރާއްޖެއިން ބޭރުން އަންނަ މުދާ އުފުލާ ބޯޓުފަހަރަށް، ރާއްޖޭގެ ބަނދަރުތަކުގެ ޕޯޓް ލިމިޓް ސަރަހައްދަށް 24 ގަޑިއިރު ވަދެވޭނެ ގޮތަށް އުސޫލު ބަދަލުކޮށް، އެކަން ތަންފީޒުކުރަން މިއަދު ފަށައިފިއެވެ. މިއީ ފާއިތުވި 38 އަހަރުގެ ތެރޭގައި މި އުސޫލަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަކީ، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އެކުލަވާލި އުސޫލެކެވެ. އެގޮތުން އެ ހަމަލާއަށްފަހު މިއަދާ ހަމައަށް، މެންދަމު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު ބޭރުން އަންނަ ކާގޯ ބޯޓުތަކަށް ޕޯޓް ލިމިޓަށް ވަނުން އޮންނަނީ މަނާކޮށްފައެވެ.

މި ބަދަލާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ، ޒަމާންތަކަކަށްފަހު ސަރުކާރުން ގެނައި މި ބަދަލަކީ އިގްތިސާދީ ގޮތުން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބަދަލާއެކު ބޯޓުތަކަށް ބޭނުންވާ ކްލިއަރެންސް ހިދުމަތާއި ޕައިލޮޓޭޖުގެ ހިދުމަތްތައް ވެސް 24 ގަޑިއިރު ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އުސޫލު ބަދަލުކޮށްފައި މިވަނީ، މާލޭ ވިޔަފާރި ބަނދަރުން އާގުބޯޓުތަކަށް 24 ގަޑިއިރު ހިދުމަތް ނުލިބޭތީ ދިމާވާ ދަތިތަކުގެ ޝަކުވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާއެކު މިދިޔަ މަހު ބޭއްވެވި ބައްދަލުވުމެއްގައި ހިއްސާކޮށްފައި ވަަނިކޮށެވެ. މިއަދުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފެށުމުން، މުދާ އެތެރެކުރުމާއި ބަނދަރުގެ ހިދުމަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.