"ރާޔާ މާލެ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގަމުންދާ ޕޭޖަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ނުރައްކާތެރި ސްކޭމެއް ކަމަށާއި، އެކަމަށް އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ޕޭޖާއި ގުޅިފައިވާ ވެބްސައިޓްތައް މެދުވެރިކޮށް އާންމުންގެ ބޭންކް ކާޑުގެ މައުލޫމާތާއި އިންޓަނެޓް ބޭންކިންގ ޔޫޒަރނޭމް އަދި ޕާސްވޯޑް ވަގަށް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ސްކޭމް ހިންގާ ފަރާތްތަކުން އާންމުންގެ ސަމާލުކަން ހޯދުމަށް ބޭނުންކުރާ އުކުޅަކީ، އެއީ ޖަވާހިރު ނުވަތަ ޖުވެލަރީ ވިއްކާ ފިހާރައެއް ކަމަށް ދައްކައިގެން، އަސްލު އަގަށްވުރެ މާ ހެޔޮކޮށް، %80 އާ ހަމައަށް ޑިސްކައުންޓް ލިބޭކަމަށް އިޝްތިހާރު ކުރުމެވެ. މި ދަޅައިގައި ޖެހި ކަސްޓަމަރަކު އެއްޗެއް ގަންނަން އުޅެފިނަމަ، ފައިސާ ދެއްކުމަށް ކަމަށް ބުނެ ފޭކް ލޮގިން ޕޭޖަކަށް ގެންދެއެވެ. އަދި އެތަނުގައި ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގ މައުލޫމާތު ޖެހުމާއެކު، ސްކޭމަރުން އެ މައުލޫމާތު ބޭނުންކޮށްގެން އަސްލު އެކައުންޓަށް ވަދެ ފައިސާ ފޭރިގަންނަ ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ބޭންކަށް ލޮގިންވުމަށް އެއްވެސް ވެބްސައިޓެއްގައި ނުވަތަ މެސެޖެއްގައި އިންނަ ލިންކަކަށް ނުފިއްތުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ފޯނަށް އަންނަ އޯޓީޕީ (OTP) އަކީ އެކައުންޓުން ފައިސާ ކެނޑުމަށް ނުވަތަ މުއާމަލާތެއް ފުރިހަމަ ކުރުމަށް ދެވޭ ހުއްދަ ކަމަށްވާތީ، ޝައްކުކުރެވޭ އެއްވެސް ލިންކެއްގައި އޯޓީޕީ ނުޖެހުމަށްވެސް ފުލުހުން އެދެއެވެ.
ފުލުހުން އިތުރަށް ބުނީ، "ރާޔާ މާލެ" ގެ ނަމުގައި ހިންގާ ވެބްސައިޓަށް ނުވަތަ ޕޭޖަށް މިހާރުވެސް އެއްވެސް މައުލޫމާތެއް ދެވިފައިވާނަމަ، ވަގުތުން ބޭންކަށް ގުޅައި ކާޑާއި އެކައުންޓް ބްލޮކް ކުރުމަށެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރާއިރު ޕޭޖްތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އާދަޔާ ޚިލާފަށް ބޮޑެތި ޑިސްކައުންޓްތައް ހުށަހަޅާނަމަ އެކަމާމެދު ސުވާލު އުފެއްދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ