ދިރާސީ އާ އަހަރާ ދިމާކޮށް، ސްކޫލްތައް ކައިރީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށައިފި

ދިރާސީ އާ އަހަރާ ދިމާކޮށް، ސްކޫލްތައް ކައިރީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށައިފި

Author
އަހުމަދު
25 ޖެނުއަރީ 2026 09:38
0

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން ފެށެން ގާތްވެފައިވަަނިކޮށް، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، އެ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގައި، ޓޯކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތް ފަށާފައިވަނީ އާންމުންނަށް އެ ކަމަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން، މިއަދު ހަވީރު 18:00 ގެ ނިޔަލަށް އުޅަނދުތައް ނެގުމަށް އަންގައި، ދެވުނު މުހުލަތު ހަމަވުމާ އެކުގައެވެ. އެގޮތުން ކަނޑައެޅިފައިވާ ވަގުތު ފަހަނައަޅައި ދިޔައިރުވެސް ނުނަގައި ހުރި އުޅަނދުތައް މިހާރު ދަނީ ޓޯކުރަމުންނެވެ.

މި ފިޔަވަޅު އެޅުމަށް ފުލުހުން ނިންމީ މި ފެށޭ ހަފްތާގެ އަންގާރަ ދުވަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފެށޭތީއެވެ. ކިޔެވުން ފެށުމާއެކު ސްކޫލް ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބާރުބޮޑުވެ، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ މި މަސައްކަތުގެ މައިގަނޑު މަގުސަދެވެ.

ސްކޫލް ސަރަހައްދުތަކުގެ އިތުރުން، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަގުތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ސިލްސިލާކޮށް ކުރަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ހަމައެކަނި މި މަހުގެ 23 އިން 24 އަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ 14 އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 13 އުޅަނދާއި ހަތަރު ފުރޮޅުލީ އެއް އުޅަނދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.