ބޯހިޔާވަހިކަމަކީ ހަރުމުދާ އިތުރުކުރުމުގެ ފުރުސަތެއް ނޫން، އެއީ އަސާސީ ބިންގަލެއް: މުއްތަލިބު

ބޯހިޔާވަހިކަމަކީ ހަރުމުދާ އިތުރުކުރުމުގެ ފުރުސަތެއް ނޫން، އެއީ އަސާސީ ބިންގަލެއް: މުއްތަލިބު

Author
އަހުމަދު
25 ޖެނުއަރީ 2026 09:32
0

ސަރުކާރުން އިއުލާނުކޮށްފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އެއްވެސް ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާނެ ކަމަށް ކަނޑައަޅާފައިވާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޖަވާބު ދެއްވައިފިއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމަކީ ހަރުމުދާ ގިނަ ކުރުމަށް ދެވޭ ފުރުސަތެއް ނޫން ކަމަށާއި، މިއީ އަމިއްލަ އެއްވެސް ގެއެއް ނުވަތަ ގޯއްޗެއް ނެތް މީހުންނަށް ދިރިއުޅުމުގެ އަސާސީ ބިންގަލެއް އަޅައިދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އާންމު ގެދޮރުވެރިކަމުގެ ސިޔާސަތުގެ މައިގަނޑު ބޭނުމަކީ އަބުރުވެރިކަމާއި ހަމަޖެހުމަށް ބޭނުންވާ އަސާސީ ބިންގާ އެޅިފައި ނުވާ އެއްވެސް އާއިލާއެއް ނުބޭއްވުމެވެ. ބޯހިޔާވަހިކަމަކީ "ބޯނަހެއް" ނޫން ކަމަށާއި، އެއީ ތައުލީމާއި ވަޒީފާ ފަދަ ދިރިއުޅުމުގެ އެންމެހާ ކަންކަމުގެ ފެށުން ކަމަށްވާއިރު، އެއްވެސް ތަނެއް ނެތް މީހުންނަށް އިސްކަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި އުސޫލު ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ފުންމިނަށް ކުރިމަތިވެފައިވާ، ގޮތް ހުސްވެފައިވާ ފަރާތްތައް އެ ހާލަތުން ސަލާމަތް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވަކިވަކި ފަރުދުންގެ ބަދަލުގައި "ގޭބިސީ" ނުވަތަ އާއިލާތަކުގެ ހާލަތަށް ބަލަން ނިންމި ސަބަބުތައްވެސް މިނިސްޓަރު ވަނީ ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ޑިމާންޑް އުފެދެނީ އާއިލާތަކުން ކަމަށް ވެފައި، އާމްދަނީ އާއި ޒިންމާ އަދި ދިރިއުޅުމުގެ ރިސްކްތައް ވެސް ހިއްސާކުރަނީ އާއިލާތަކުން ކަމަށްވާތީ، މީހެއްގެ މިލްކިއްޔާތު ވަކިން ބެލުމުގެ ބަދަލުގައި ގޭބިސީގެ ހާލަތަށް ބެލުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވައެވެ. ވަންނާނެ ކޮންމެވެސް ގެއެއް ނުވަތަ ބިންކޮޅެއް އޮތް ބަޔަކަށް، އެފަދަ އެއްވެސް ގޮތެއް ނެތް ބަޔަކަށް ދިނުމުގެ ކުރިން ދައުލަތުގެ ޚަރަދުގައި ހަދާ ތަންތަން ދިނުމަކީ ހަމަހަމަކަން ގެއްލި، ނަހަމަކަން ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް މުއްތަލިބު ފާހަގަކުރެއްވިއެވެ.

މި އުސޫލުގެ ދަށުން އިސްކަންދޭ ފަރާތްތަކަކީ "ފޯލްބެކް އޮޕްޝަން" އެއް ނުވަތަ ގޮތް ހުސްވެގެން ގޮސް ވަންނާނެ ތަނެއް ނެތް މީހުންނާއި، ދުރު މުސްތަގުބަލަށް ބަލާއިރުވެސް ރައްކާތެރިކަމެއް ނެތް މީހުންގެ އިތުރުން، ކުއްޔާއި ތަކެތީގެ އަގުބޮޑުވެ އުޅޭތަނުން ނުކުންނަން ޖެހިދާނެ ހާލަތަކުން ސަލާމަތްވާނެ މަގެއް ނެތް އާއިލާތަކެވެ. ނަމަވެސް، ބޯހިޔާވަހިކަން ލިބޭ މީހުންގެ އަދަދު އިތުރުވަމުންދާ ވަރަކަށް މި އުސޫލުތަކަށް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ކުރިން ސޯޝަލް ހައުސިންގ ލިބިފައިވީ ނަމަވެސް، އާއިލާ ބޮޑުވުމުގެ ސަބަބުން ޖާގަ ދަތިވެފައިވާ ފަރާތްތަކަށް، ކުރިން ލިބުނު ތަން ދޫކޮށްލުމަށްފަހު އާ ޕްރޮގްރާމަށް ކުރިމަތިލެވޭނެ ގޮތް ހަމަޖައްސާފައިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.