ހިޔާ ފްލެޓުތަކުގެ ތެރެއިން 8 ޓަވަރެއްގައި އާ ލިފްޓުތައް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާ ފްލެޓުތަކުގެ ތެރެއިން 8 ޓަވަރެއްގައި އާ ލިފްޓުތައް ހަރުކޮށް ބޭނުންކުރަން ފަށައިފި

Author
ޙަސަން މުޙައްމަދު
25 ޖެނުއަރީ 2026 12:55
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 8 ޓަވަރެއްގެ ލިފްޓު ހަރުކޮށް ނިންމައި އާންމުން ބޭނުންކުރަން ފަށައިފިއެވެ. މި މަޝްރޫޢަކީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމުގެ ގޮތުން، ލޮބީ އޭރިއާގައި އިތުރު ދަގަނޑު ސްޓްރަކްޗާއެއް ހަދައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، ހިޔާ ޓަވަރު 1 އިން ފެށިގެން 8 އަކާ ހަމައަށް ހުރިހާ ޓަވަރެއްގައި މިހާރު ވަނީ އާ ލިފްޓުތައް ހަރުކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޓަވަރު 14، 15 އަދި 16 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކަމަށްވާއިރު، މުޅި މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. ހުރިހާ ޓަވަރެއްގެ ލޮބީ އޭރިއާގައި ހަދަންޖެހޭ ދަގަނޑު ސްޓްރަކްޗާތައް ނިމިފައިވާއިރު، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ސައިޓަށް ގެނެވިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން ހިޔާގެ 16 ޓަވަރުން ކުރެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެއެވެ. އެއީ ޕެސެންޖާ ލިފްޓަކާއި ސްޓްރެޗާ ލިފްޓެކެވެ. އެހެންކަމުން މުޅި މަޝްރޫޢު ނިމޭއިރު ޖުމްލަ 32 އާ ލިފްޓު ހިޔާ ފްލެޓުތަކަށް އިތުރުވެގެންދާނެއެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިއިރު ކޮންމެ ޓަވަރެއްގައި ހުރީ އެންމެ 3 ލިފްޓެވެ. 25 ބުރީގެ މި ޓަވަރުތަކުގައި 25،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، ލިފްޓުތައް މަދުވުމުގެ ސަބަބުން ތޮއްޖެހި، އަރާ ފޭބުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ޝަކުވާތަކެއް ފެންމަތިވެފައިވާ މި މައްސަލައަށް، އަލަށް ހަރުކުރެވޭ މި ލިފްޓުތަކާއެކު ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.