ދިއްދޫ އެއާޕޯޓް މަޝްރޫޢު: ބާރު ސްޕީޑުގައި 41 ހެކްޓަރު ހިއްކައިފި

ދިއްދޫ އެއާޕޯޓް މަޝްރޫޢު: ބާރު ސްޕީޑުގައި 41 ހެކްޓަރު ހިއްކައިފި

Author
ޙަސަން މުޙައްމަދު
24 ޖެނުއަރީ 2026 11:05
0

ހއ. ދިއްދޫގައި އެއާޕޯޓް އެޅުމަށްޓަކައި ކުރިއަށްގެންދާ ބިޔަ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، މިހާތަނަށް އެރަށު ފަޅުން 41 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢު ހިންގާ ފަރާތް ކަމުގައިވާ އެމްއޭސީއެލުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ހިއްކައި ނިމުނު 41 ހެކްޓަރަކީ، މުޅި މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ 36.61 އިންސައްތަ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް މިހާ ހަލުވިމިނެއްގައި ކުރިއަށްދަނީ މި މަސައްކަތަށް ޚާއްޞަކޮށްގެން ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު އެރަށަށް ގެނެސްގެންނެވެ. އެއްފަހަރާ 46,000 ކިއުބިކް މީޓަރުގެ ވެލި ޕަމްޕުކުރުމުގެ ޤާބިލުކަން ލިބިފައިވާ މި އުޅަނދު ބޭނުންކޮށްގެން ދިއްދޫ ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަކީ ދިއްދޫގައި އެއާޕޯޓެއް އެޅުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އެމްއޭސީއެލްގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތުގައި ދިއްދޫގެ މިހާރު އޮތް ބިމަށްވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 110 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި ބިން ބޭނުންކުރުމަށް ނިންމާފައިވަނީ އެއާޕޯޓް ތަރައްޤީކުރުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.