ބާވެ ހަލާކުވެފައިވާ މުސްހަފާއި ދީނީ ފޮތްތައް ނައްތާލުމަށް ކައުންސިލާ ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ބާވެ ހަލާކުވެފައިވާ މުސްހަފާއި ދީނީ ފޮތްތައް ނައްތާލުމަށް ކައުންސިލާ ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަލީ ރައޫފް
23 ޖެނުއަރީ 2026 05:34
0

މާލެ ސިޓީގެ ގޭގޭގައި ހުރި ބާވެ ހަލާކުވެފައިވާ މުސްހަފުތަކާއި، ކީރިތި ޤުރުއާނުގެ އާޔަތްތައް ނުވަތަ ކީރިތި ރަސޫލާ (ޞ) ގެ ޙަދީޘްތައް ލިޔެފައިވާ ފޮތްތަކާއި ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާލުމަށްޓަކައި، އެތަކެތި މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުރުސަތު އެ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ މިފަދަ ތަކެތި ބަލައިގަތުން ކުރިއަށްދާނީ މި ހިނގާ ޖެނުއަރީ މަހުގެ 24 ވާ ހޮނިހިރު ދުވަހުން ފެށިގެން 29 ޖެނުއަރީވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ޚާއްސަ ވަގުތުތަކެއްގައެވެ. މިގޮތުން ތަކެތި ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށެވެ.

މި ތަކެތި ހަވާލުކުރުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން މާލެ ސަރަހައްދުގެ ތިން އަވަށެއްގައި ތަކެތި ބަލައިގަންނާނެ ތަންތަން ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. މާލޭގައި ނަމަ ތަކެތި ހަވާލުކުރާނީ ގަލޮޅު މަދުރަސާ ކުރިމަތިން، ބުރުޒުމަގުން ވަދެވޭ ގޮތަށް ހުންނަ ސިނަމާލެ 3 ގެ ގޯތިތެރެއަށެވެ. އަދި ވިލިމާލޭގައި ނަމަ ސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަނަށް، އަދި ހުޅުމާލޭގައި ނަމަ ސިޓީ ކައުންސިލްގެ ހުޅުމާލެ އޮފީހަށް ތަކެތި ހަވާލުކުރެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި އެ އިދާރާއިން ބަލައިގަންނާނީ ހަމައެކަނި ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވެފައިވާ ބާވެ ނުވަތަ ހަލާކުވެފައިވާ މުސްހަފާއި ދީނީ ލިޔުންތަކެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 7994565 ނަންބަރު ފޯނާ ގުޅުއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.