މޯލްޑިވްސް އިމިގްރޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ އިދާރާއަށް ހާޒިރުކުރުމަށް ބޭނުންވާ ބަންގްލަދޭޝްގެ ހަތަރު މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. މި ހަތަރު މީހުން ހޯދުމަށް އިމިގްރޭޝަނުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް އެމީހުން ފެނިފައިނުވާތީ، އެ އިދާރާއިން ވަނީ އެމީހުންގެ ފޮޓޯއާއި ވަނަވަރު މީޑިއާ މެދުވެރިކޮށް އާންމުކޮށްފައެވެ.
އިމިގްރޭޝަނުން ހޯދަމުންދާ ހަތަރު މީހުންނަކީ އުމުރުން 46 އަހަރުގެ ޖިއާއުރް ރަހްމާން ބިޝްވާސް އާއި، 32 އަހަރުގެ ރަފީގުލްގެ އިތުރުން 22 އަހަރުގެ އެމްޑީ އާރިފް ޓަޓީ އަދި 27 އަހަރުގެ އެމްޑީ ސަހާދަތް ހޮސެއިންއެވެ. މި މީހުން ހޯދަނީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެންކަން އިމިގްރޭޝަނުން ތަފްސީލުކޮށް ހާމަކޮށްފައި ނުވީނަމަވެސް، މި މީހުން ފެނިއްޖެނަމަ ނުވަތަ މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކޮށް އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އިމިގްރޭޝަން ގުޅިގެން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންތަކުގައި، ފާއިތުވި އަހަރު ތެރޭގައިވެސް ގަވާއިދާ ހިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ