ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި، އެ ފަރާތްތަކަށް ލިބިފައިވާ މަޢުލޫމާތު އާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ ފަރާތްތަކާއި، މިހާރުވެސް އެ ޚިދުމަތުގައި ދެމިތިބި ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިންގުނު މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކަށް ޑްރައިވަރުން އިތުރަށް އަހުލުވެރިކުރުވުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާއި ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންނަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުންވެސް ވަނީ ކިޔައިދީފައެވެ. އަދި އެފަދަ ހާދިސާތައް ހިނގާ ހާލަތްތަކުގައި ޑްރައިވަރުންގެ ޢަމަލުތައް ބަހައްޓަންޖެހޭ އެންމެ ރަނގަޅު ގޮތްތަކާއި، މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުންވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވެއެވެ.
މި ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 247 ޑްރައިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޓެކްސީގެ ޚިދުމަތަށް އަލަށް ގުޅޭ 172 ޑްރައިވަރުންނާއި، މިހާރުވެސް ޚިދުމަތުގައި ހަރަކާތްތެރިވަމުން އަންނަ 75 ޑްރައިވަރުން ހިމެނެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ