އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ: ރައީސް

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ: ރައީސް

Author
އަހުމަދު
20 ޖެނުއަރީ 2026 04:27
0

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި އަލިރަސްގެފާނު ފަދަ ޢަޒުމް ވަރުގަދަ ދަރިންތަކެއް ކޮންމެ ޖީލަކުންވެސް ފެންނާނެކަމުގެ އުއްމީދު އާކުރައްވައިފިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ޝާއިއުކުރެއްވި މެސެޖެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ފަސްގަނޑުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން، ޕޯޗުގީޒުންގެ ކުރިމަތީގައި އައްސުލްޠާން ޢަލީ 6 ވަނަ (އަލިރަސްގެފާނު) ޝަހީދުވެވަޑައިގެންނެވިތާ މިއަދަށް މިއީ 482 ވަނަ އަހަރެވެ.

ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހު، ދުޝްމަނުންނާ ކުރިމަތިލައްވައި އެ ރަދުން ދެއްކެވި ހިތްވަރާއި ފަންވަރަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ، އަދި ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ މަތިވެރި ޤައުމީ ރޫޙެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެ ފަހު ނޭވައާ ހަމައަށް އެމަނިކުފާނު ދެއްކެވި ސާބިތުކަމަކީ ތާއަބަދަށް މި ޤައުމުގައި ދިރިދިރި ހުންނާނެ ނަމޫނާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޤައުމުގެ ޙައްޤުގައި ޖިހާދުކުރައްވައި ޝަހީދުވެދިޔަ އެންމެހައި އަބްޠާލުންނާއި، ޤައުމީ ޚިދުމަތުގެ ވާޖިބު އަދާކުރައްވަމުން ގެންދަވަަނިކޮށް ޝަހީދުވި ހިތްވަރުގަދަ ދަރިންގެ ޒިކުރާވެސް، ޝުކުރުވެރިކަމާއެކު ރައީސް ވަނީ އާކުރައްވާފައެވެ. އެފަދަ ބޭފުޅުންގެ ޤުރުބާނީއަކީ ދިވެހި އުއްމަތް އަބަދުވެސް ފަޚުރުވެރިވާނެ ޤުރުބާނީއެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، މާތްﷲގެ ރަޙްމަތްފުޅާއެކު ދިވެހި ޤައުމު މިނިވަންކަން މަތީ ދެމިއޮންނާނެ ކަމަށާއި، އަލިރަސްގެފާނުގެ ޖިހާދުން ހިތްވަރު ލިބިގެން އުފެދޭ ދަރިން، މި ޤައުމުގެ މަޖްދާއި ކަރާމާތް ނަގަހައްޓަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.