ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު، އޭނާގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ކުރިއަށް ވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ނަމޫނާއާ އެއްގޮތަށް ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށެވެ.
މާލެ ސިޓީގެ ތާރީހަށް އަލިއަޅުއްވާލައްވަމުން ޖަލީލު ފާހަގަކުރެއްވި ގޮތުގައި، ސިޓީ ކައުންސިލްގެ ހިންގުމަށް ހެޔޮ ބަދަލެއް އައިސް މުނިސިޕަލް ޚިދުމަތުގެ "ރަން ޒަމާނެއް" ފެށުނީ 2021 ވަނަ އަހަރު ރައީސް މުއިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގަތް ހިސާބުންނެވެ. އެހެންކަމުން އޭނާގެ އަމާޒަކީވެސް ރައީސް މުއިއްޒެކޭ އެއްފަދައިން ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބައްލަވައިގެން ގާތުން ޚިދުމަތްކުރެއްވުން ކަމަށް ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރައްވާފައިވާ ޖަލީލު ވިދާޅުވީ، ޤައުމީ ޚިދުމަތަށް ގޮވާލައިފި ކޮންމެ ހިނދެއްގައި ކުރިމަތިލުމުގެ ހިތްވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ. އަދި މޭޔަރުކަމުގައި ވަކި ސިޔާސީ ފިކުރަކަށް ނުބަލައި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ވަފާތެރިކަމާއެކު ޚިދުމަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވައި، މާލެއަކީ ފެހި އަދި ސާފުތާހިރު ތަނަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަވާނެކަމަށް ވެސް ޖަލީލު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ