ރިޓަޔާ ކުރިޔަސް ގޭގައި ފިލާ ހުންނާކަށް ނެތިން، ހުރީ ޚިދުމަތުގެ ރޫޙާއި ހިތްވަރު: މޫސާ އަލީ ޖަލީލް

ރިޓަޔާ ކުރިޔަސް ގޭގައި ފިލާ ހުންނާކަށް ނެތިން، ހުރީ ޚިދުމަތުގެ ރޫޙާއި ހިތްވަރު: މޫސާ އަލީ ޖަލީލް

Author
ޙަސަން މުޙައްމަދު
18 ޖެނުއަރީ 2026 11:27
0

ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވި ނަމަވެސް އަދިވެސް ހަށިގަނޑުގައި ގައުމީ ހިދުމަތުގެ ރޫހާއި ހިތްވަރު އެބަހުރި ކަމަށާއި، މިއީ ގޭގައި މަޑުން ހުންނަވަންވީ ވަގުތު ނޫންކަމަށް ވިދާޅުވެއްޖެއެވެ.

މޫސާ އަލީ ޖަލީލް މިހެން ވިދާޅުވީ، އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ދޮންމަނިކު ސްކައި ވިއުގެ ތިރީގައި ގާއިމުކޮށްފައިވާ އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އިހުސާސްތައް އަޑުއެއްސެވިއިރު އެމަނިކުފާނަށްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއްވި ކަމަށެވެ. އަދި ގައުމީ ހިދުމަތުގައި ބުރަކޮށް އުޅުއްވުމަށްފަހު، ރައްޔިތުންނަށް ދަތިތަކެއް ހުރި ދަނޑިވަޅެއްގައި "ގޭގައި ފިލަން" ހުންނެވުމަކީ ކުރައްވަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އަމިއްލަ ނަފްސާ ސުވާލު ކުރެއްވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިދުމަތުގެ ދިގު ތަޖުރިބާއާއެކު، ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެމަނިކުފާނުގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވުމަށް ނުކުމެވަޑައިގަތީ ސާބިތުކަމާއެކު ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ. އަދި މާލޭގެ މޭޔަރުކަމަށް އިންތިހާބު ވެވަޑައިގެންފިނަމަ، 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށާއި، މާލެއަކީ ހިތްފަސޭހަ އުފާވެރި ތަނަކަށް ހެދުމަށް ގައުމީ ރޫހެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މޫސާ އަލީ ޖަލީލް ވިދާޅުވި ގޮތުގައި އެމަނިކުފާނު މި އިންތިހާބަށް ނުކުންނަވަނީ މިހާތަނަށް ހަވާލުވި ކޮންމެ މަސްއޫލިއްޔަތެއްގައި ވެސް އިސްކުރެއްވި ފަދައިން، ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާ އިސްކުރެއްވުމުގެ މަތިވެރި އަޒުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.