ހިޔާނާތުގެ ކުށް ސާބިތުވެ ބައްސާމަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ހިޔާނާތުގެ ކުށް ސާބިތުވެ ބައްސާމަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

Author
ހުސައިން
18 ޖެނުއަރީ 2026 05:41
0

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމްގެ މައްސަލަ ބައްސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ބައްސާމް މިވަގުތު ގެންދަވަނީ އެކި މައްސަލަތަކުގައި ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގެ ދެ މައްސަލައަކާއި ހިޔާނާތްތެރިވުމުގެ ދެ މައްސަލައެކެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުންނެވިއިރު، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ފީފާގެ ފަރާތުން އެފްއޭއެމްއަށް ދިން ފައިސާގެ ތެރެއިން ބައެއް އަމިއްލަ ކަންކަމަށް ބޭނުންކުރި މައްސަލައެވެ. އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ހިޔާނާތްތެރިވުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ހަމަ މި މައްސަލައާ ގުޅިގެން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި 154،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް ބައްސާމްގެ މައްޗަށް ވަނީ އައިސްފައެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދަށު ކޯޓުން ކުރި ހިޔާނާތުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މީގެ އިތުރުން، ކޮވިޑް-19 ރިލީފް ލޯނުގެ ގޮތުގައި ކްލަބުތަކަށް ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ، ފަހުން އިއްވި ދެ މައްސަލައެއްގައި 23 އަހަރުގެ ޖަލު ހުކުމެއް ވެސް ބައްސާމްގެ މައްޗަށް ވަނީ އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.