މާލެ ސަރަހައްދުގެ ޓެކްސީގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ފަށާ ގައުމީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މާފަންނު ބަސް ޓާމިނަލްގައި ކުރިއަށްދިޔަ މި ހަރަކާތުގައި 269 މީހުންނާ ވަނީ އިންޓަވިއުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި 285 ފުލްޓައިމް އަދި 122 ޕާޓްޓައިމް ޑްރައިވަރުން ހިމެނެއެވެ. ޑްރައިވަރުން ހޮވުމުގައި މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަފްތަރުގައި ތިބި ފަރާތްތަކަށް އިސްކަންދިނުމަށް ނިންމާފައިވަނީ، އެ ފަރާތްތަކަށް ރައްކާތެރިކަމާއެކު އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާ މި ހިދުމަތް ފަރުމާކޮށްފައިވަނީ "އޫބާ" އަދި "ގްރޭބް" ފަދަ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ގޮތަށެވެ. އަދި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އީވީ ކާރުތަކެކެވެ. މި ކާރުތައް ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާތީ ޚިދުމަތް ފެށުން ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް، މިހާރު އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ