"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މާދަމާ ހުޅުވާލަނީ

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މާދަމާ ހުޅުވާލަނީ

Author
ހުސައިން
17 ޖެނުއަރީ 2026 08:00
0

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު، މާދަމާ (18 ޖެނުއަރީ 2026) ހެނދުނު 09:00 ގައި ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި ފުރުޞަތު ކުރިން މިއަދު ހުޅުވާލުމަށް ތާވަލުކުރި ނަމަވެސް، ގިނަ ބަޔަކު އެއްފަހަރާ ޕޯޓަލް ބޭނުންކުރާނެ ކަމަށް ލަފާކުރެވޭތީއާއި، ހަފްތާ ބަންދާ ދިމާކޮށް ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކަށް ބަލައި ތާރީޚު ބަދަލުކުރީކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި ފަހަރުގެ ސްކީމްގައި ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި އަދި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންގެ ޚިޔާލާ އެކު އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ޚާއްޞަ ކެޓަގަރީތަކެއް ކަނޑައަޅައި، އަލަށް ޓެކްސީ ޑްރައިވަރުންނާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މީގެއިތުރުން، ކުރިން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ދަރިން ތިބި މިންވަރަށް ބަލައި 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތުވެސް މި ސްކީމުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ސްކީމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތްތަކަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.