މޭޔަރު ޓިކެޓާއެކު އާޒިމްގެ އަމާޒު: ފުރަތަމަ ކައުންސިލް، ދެން 2028 ގެ ރިޔާސީ އިންތިޚާބު

މޭޔަރު ޓިކެޓާއެކު އާޒިމްގެ އަމާޒު: ފުރަތަމަ ކައުންސިލް، ދެން 2028 ގެ ރިޔާސީ އިންތިޚާބު

Author
އައިޝަތު އަޙްމަދު
17 ޖެނުއަރީ 2026 12:35
0

އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މުޅި ލޯކަލް ކައުންސިލް އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދީ، ޖެހިގެން އަންނަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބުކުރުމަށް ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ، އޭނާއަށް ތާއީދުކުރެއްވި މެންބަރުންނާއި ކެމްޕޭނުގައި ހަރަކާތްތެރިވި ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ މުޅި އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

މި ވަގުތު އެންމެ މުހިންމު ކަމަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ދޫކޮށް އެކަތިގަނޑެއްގެ ގޮތުގައި ނުކުތުންކަން ފާހަގަކުރައްވައި، އާޒިމް ވަނީ އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ޓީމުތަކުން ވެސް މާލޭގެ މޭޔަރުކަމާއި ކައުންސިލް ގޮނޑިތައް އެމްޑީޕީއަށް ހޯދައިދިނުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ދައުވަތު އަރުވާފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ނުލިބޭހާ ހިނދަކު ރައްޔިތުންނަށް އުޅެންޖެހޭނީ ނިކަމެތިކަމުގައި ކަމަށެވެ. އެހެންކަމުން، މި ފެށުނު މަސައްކަތާއެކު ކުރިއަށް ގޮސް، އެންމެން ގުޅިގެން ކުރާ މަސައްކަތުން 2028 ގެ ވެރިކަން އެމްޑީޕީއަށް އަލުން ހޯދައިދީ، ގައުމު ހަމަމަގަށް އެޅުވުމަކީ އޭނާގެ އެންމެ ބޮޑު އެއް ޢަޒުމް ކަމުގައި ވިދާޅުވިއެވެ.

މާލެ ސިޓީއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށް، ރައްޔިތުން އެދޭފަދަ "ރަނގަޅު މާލެއެއް" ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން، އާޒިމް ވަނީ އޭނާ އަބަދުވެސް ހުންނަވާނީ އެމްޑީޕީއާއެކު ކަމަށާއި އެ ޕާޓީން ގެނައި ހެޔޮ ބަދަލުތައް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.