ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބޮޑުބައި ނިމިއްޖެ: %94 މަސައްކަތް ފުރިހަމަކޮށްފި

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ ބޮޑުބައި ނިމިއްޖެ: %94 މަސައްކަތް ފުރިހަމަކޮށްފި

Author
ޙަސަން މުޙައްމަދު
15 ޖެނުއަރީ 2026 07:34
0

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ހިންގާ މުހިންމު މަޝްރޫއެއް ކަމަށްވާ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މުޅި މަޝްރޫއުގެ 94 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް އައިއިރު 59 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާ ނިންމާލެވިފައެވެ. މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ބޭނުންކުރަމުންދަނީ 22،000 ކިއުބިކް މީޓަރުގެ ޒަމާނީ ދެ ޑްރެޖަރު ކަމަށްވާ "ޕްރިންސް ދަ ނެދަލޭންޑެން" އާއި "އޮރެންޖް" އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށިގެން ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތްތަކާ ގުޅިގެން މަޝްރޫއު ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، އަލުން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މެދުކެނޑުމަށްފަހު މިހާރު މަސައްކަތް ކުރިއަށްދަނީ ވަރަށް ހަލުވި ދުވެލީގައެވެ.

ހުޅުމާލޭ ފޭސް ތިނެއްގެ އިތުރުން ގިރާވަރުފަޅާއި، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.