ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، ރަހީނުކޮށްފައި އިން މީހާ ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އެޕާޓްމަންޓަށް ވަދެ ބަލައިފާސްކުރިއިރު، ރަހީނުކޮށްފައި އިން މީހާ ފެނިފައިވާތީ އޭނާ ވަނީ އެތަނުން ސަލާމަތްކޮށްފައެވެ. އަދި އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު ދިވެހިން ފުލުހުން ވަނީ ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ބިލާލުގެ، ޝުނީނު އަންވަރު (24 އ) އާއި، ސ. ހިތަދޫ، ބްލޫކޯނަރ، ޙުސައިން ނާހީ ޖަމާލު (23 އ) އާއި، ގދ. ތިނަދޫ، ކުލުނު، އަލީ ސަރީޚު އަންވަރު (23 އ) ގެ އިތުރުން ސ. މީދޫ، ހުވަދުމާވިލާ، އަޙްމަދު ލުޖައިން (24 އ) އެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިހާރު ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ