ކުރިއަށް އޮތް ހޫނު މޫސުމާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، ވިލިމާލޭގައި އަލަށް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވަނީ 1،200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރުގެ މަސައްކަތްތައް އެއްކޮށް ނިންމާލައި، އިއްޔެއިން ފެށިގެން އަމަލީ ގޮތުން ބޭނުންކުރަން ފެށުމާއެކު، ވިލިމާލޭގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ނުވަތަ ޖަނަރޭޝަން ކެޕޭސިޓީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މި އައު ޖަނަރޭޓަރު ސެޓް ނެޓްވޯކާ ގުޅާލުމުން، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ. މިއީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ލުއިފަސޭހައެއް ކަމަށާއި، ހާއްސަކޮށް ޕީކް ސީޒަންގައި ކަރަންޓަށް އޮންނަ ޑިމާންޑް މަތިވުމުން ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހަމައެކަނި މާލެ ސަރަހައްދަށް ހާއްސަވުމުގެ ބަދަލުގައި، ސްޓެލްކޯއިން ހިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި މަސައްކަތްތަކުގެ އަމާޒަކީ ދެމެހެއްޓެަނިވި ގޮތެއްގައި އިތުބާރު ހުރި ކަރަންޓުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ކޮމެންޓު ފޮނުވާ