ރަސްމީ ރިޒާވް އެއް ބިލިޔަން ޑޮލަރާ ގާތަށް: ލަފާކުރި ވަރަށްވުރެ އިތުރުވެ، އިޤްތިޞާދަށް އިތުބާރު ބޮޑުވެއްޖެ!

ރަސްމީ ރިޒާވް އެއް ބިލިޔަން ޑޮލަރާ ގާތަށް: ލަފާކުރި ވަރަށްވުރެ އިތުރުވެ، އިޤްތިޞާދަށް އިތުބާރު ބޮޑުވެއްޖެ!

Author
އަހުމަދު
15 ޖެނުއަރީ 2026 10:29
0

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ 2025 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ އެއް ބިލިޔަން ޑޮލަރާ ގާތްކުރާ މިންވަރަކަށް މައްޗަށް ޖެހިފައެވެ. މިއީ މާލީ އިދާރާތަކުން އެ އަހަރުގެ ނިޔަލަށް ރިޒާވް ހުންނާނެކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ނިމުނުއިރު 673.89 މިލިޔަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 983.04 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 45 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި، 2025 ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 849 މިލިޔަން ޑޮލަރުގައި ކަމަށްވާއިރު، ހަގީގީ އަދަދު ވަނީ އެއަށްވުރެ މާބޮޑަށް އިތުރުވެފައެވެ. އަދި 2026 ގެ ނިޔަލަށް 900 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރި އަދަދުވެސް މިހާރު މިވަނީ ފަހަނައަޅައި ގޮސްފައެވެ.

ރަސްމީ ރިޒާވްގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ވަގުތުން ބޭނުންކުރެވޭ "ޔޫޒަބަލް ރިޒާވް" ނުވަތަ ބޭނުންކުރެވޭ ރިޒާވަށް ވެސް ވަނީ އާދަޔާ ޚިލާފު ހެޔޮ ބަދަލެއް އައިސްފައެވެ. ބޭނުންކުރެވޭ ރިޒާވް ބަލަނީ ރަސްމީ ރިޒާވާއި އިންވެސްޓްމަންޓްތަކުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ ދަރަނިތައް އުނިކުރުމަށްފަހުގައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ނިމުނުއިރު އެންމެ 63.36 މިލިޔަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް، މިދިޔަ އަހަރު ނިމުނުއިރު ވަނީ 244.12 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 285 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ކުރިން ރަސްމީ ރިޒާވް މިހާ މައްޗަށް ގޮސްފައިވަނީ 2020 ވަނަ އަހަރު، އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕާއި ސަރުކާރުން ވިއްކި ބޮންޑުގެ ސަބަބުންނެވެ.

ރިޒާވް މިހާ ބޮޑަށް ހަރުދަނާވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާގެ އައު ޤާނޫނު ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކުރަން ޖެހޭއިރު، އޭގެ ތެރެއިން މަރުކަޒީ ބޭންކަށް ވިއްކާ ޑޮލަރުގެ 60 އިންސައްތަ ބޭނުންކުރަނީ ރިޒާވް ހަރުދަނާކުރުމަށެވެ. މީގެ އިތުރުން ސާކް ފްރޭމްވޯކްގެ ދަށުން އިންޑިއާގެ މަރުކަޒީ ބޭންކާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަކީވެސް ރިޒާވް މަތިވުމުގެ މުހިންމު ސަބަބެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

ރިޒާވްގެ ހާލަތު ރަނގަޅުވި ނަމަވެސް، ހިނގަމުން މިދާ 2026 ވަނަ އަހަރަކީ ދަރަނީގެ ގޮތުގައި އެއްފަހަރާ އެންމެ ބޮޑު އަދަދެއް ސަރުކާރުން ދައްކަންޖެހޭ އަހަރެވެ. މިކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ރިޒާވް ރަނގަޅުވުމާއެކު ސަރުކާރުން މިހާރު ދަނީ ސުކޫކު އަނބުރާ ދެއްކުމަށް ތައްޔާރުވަމުންނެވެ. އަދި އެއްވެސް ދަރަންޏެއް މުއްދަތު ހަމަނުވެ، ދައްކަންޖެހޭ ތާރީޚަށް ދައްކާ ޚަލާސްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.