ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގެ 71 ހެކްޓަރު ހިއްކައި ނިންމާލައިފި

ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގެ 71 ހެކްޓަރު ހިއްކައި ނިންމާލައިފި

Author
ހުސައިން
14 ޖެނުއަރީ 2026 06:24
0

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ސައިޓް އޭ އިން 71 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކުރި ގޮތުގައި، ސައިޓް އޭގެ މަސައްކަތް ނިމުނުއިރު، މިއީ މުޅި މަޝްރޫއަށް ބަލާއިރު ބިން ހިއްކުމުގެ ގާތްގަނޑަކަށް 51.64 އިންސައްތަ މަސައްކަތެވެ.

ކ. ފުށިދިއްގަރުފަޅުގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓޯބަލް ކޮލޯން' ބޭނުންކޮށްގެންނެވެ. މި ޑްރެޖަރު ގެނެސް، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސްޕީޑް ވަނީ ތިން ގުނައަށް އިތުރުކޮށްފައެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މުޅި މަޝްރޫއުގެ ދަށުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވަރަށް މުހިންމު ވައުދުފުޅެކެވެ. މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެއިން ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް އިއުލާންކުރައްވާނެ ކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ އުސޫލުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.