އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފައި ވަނިކޮށް، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ގަތަރުގެ އަލް އުދައިދު އެއާބޭސްއިން ބައެއް ސިފައިން ނުކުތުމަށް އަންގައިފިއެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި ތިން މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި މިރޭގެ ނިޔަލަށް އެ މަރުކަޒުން ބައެއް ސިފައިން ނުކުތުމަށް ވަނީ އަންގާފައެވެ.
ގާތްގަނޑަކަށް 10،000 އެމެރިކާ ސިފައިން ގާއިމުވެ ތިބޭ އަލް އުދައިދު ބޭހުން ސިފައިން ނެރެން ފެށި ނަމަވެސް، މިއީ މުޅި ތަން ހުސްކުރުމުގެ އަމުރެއް ނޫންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން ވާހަކަ ދެއްކެވި ޑިޕްލޮމެޓަކު ވިދާޅުވީ މިއީ "ގެނައި ބަދަލެއް" ކަމަށާއި، ނަމަވެސް މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި ސާފުވެވަޑައިނުގަންނަވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ގަތަރުގެ ފޮރިން މިނިސްޓްރީން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތައް މަރަމުންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ރައްދުގައި އީރާނުން ބުނެފައިވަނީ އެމެރިކާއިން އިސްވެ ހަމަލާއެއް ދީފިނަމަ، އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު އިޒްރޭލާއި އީރާނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ތެރޭގައި ވެސް، ގަތަރުގައި ހުންނަ އެމެރިކާގެ މި ބޭހަށް އީރާނުގެ ހަމަލާތައް އަމާޒުވެފައިވެއެވެ.
އިޒްރޭލުގެ އަސްކަރީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޓްރަމްޕް ވަނީ އީރާނުގެ މައްސަލައިގެ ތެރެއަށް ސީދާ ގޮތުން ވެދެވަޑައިގަތުމަށް ނިންމަވާފައެވެ. ނަމަވެސް ހަމަލާދޭނެ ވަގުތާއި މިންވަރެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ހަމަ އެއާއެކު، އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، އެ ގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް ވެރިޔާ އަލީ ލަރިޖާނީ ގެންދަވަނީ ގަތަރުގެ ފޮރިން މިނިސްޓަރާއި، ޔޫއޭއީ އަދި ތުރުކީގެ އިސް އޮފިޝަލުންނާ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ