މާލެ އާއި ހުޅުމާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެކަނިވެސް 460 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިގޮތުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި، ކުށްކުރުމަށް މަގުފަހިވާ ގޮތަށް ހުންނަ ނުވަތަ ކުށްކުރާ މީހުން އެއްވެ އުޅޭކަމަށް ފާހަގަކުރެވޭ "ހޮޓްސްޕޮޓް" ތަކުގެ ތެރެއިން 462 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި ވަގުތުތަކުގައި ޝައްކުކުރެވޭ ފަރާތްތަކާ ސުވާލުކޮށް، 96 އިންޓަރެކްޝަނެއް ހަދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން، މަގުމަތީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން އުޅަނދުތައް ޗެކްކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 16 އުޅަނދެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެއިތުރުން، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިމަގުގައި ހިންގި ޕެޓްރޯލްތަކަށް ބަލާއިރު، ޖުމްލަ 19 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުޓް ޕެޓްރޯލްކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ޤާއިމުކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ